ދުނިޔޭގެ ޞިއްޙަތު ދުވަސް 2018

    7/4/2018

    ދުނިޔޭގެ ޞިއްޙަތު ދުވަސް

    7 އޭޕްރިލް 2018

    މިނިސްޓަރ އޮފް ހެލްތުގެ ޚިތާބު

    ޢަބްދުﷲ ނާޒިމް އިބްރާހީމް

    سـم اللَّه الرّحـمٰـن الـرّحيـم

    اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين

    ދުނިޔޭގެ ސިއްޙަތުދުވަހުގެ ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން.

    ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށް ޑޮކްޓަރަކު ހަމަޖައްސަވައި،

    ކޮންމެ ރަށެއްގަ ބޭސްފިހާރައެއް ޤާއިމްކޮށް ދެއްވައި ،

    ލެބޯރޓްރީގެ ޚިދުމަތް މުޅި ރާއްޖެއަށް ޢާއްމު ކުރައްވައި ،

    ހުސްނުވާ އާސަންދަ ކަށަވަރުކޮށްދެއްވައި

    ކުރިން ނުލިބޭ ޞިއްޙީ އެތައް ޚިދުމަތްތަކެއް ތަޢާރަފު ކުރައްވައި

    ބޭސްފަރުވާލިބިގަތުމާ ލިއްބައިދިނުމުގެ ނިޒާމަށް މި ވޭތުވެދިޔަ 4 އަހަރު ދުވަހު އިންޤިލާބީ ހެއު ބަދަލެއް ގެނަސްދެއްވާފައިވާ ކަމަށްޓަކައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީންއަށް

    ދިވެހި އެންމެހާ ރައްޔިތުންގެ ނަމުގައި

    ވަރަށް އިޚްލާޞްތެރިކަމާ އެކު ޝުކުރުދަންނަވައި ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ހެއުއެދުންތައް އަރިސްކުރަން.

    ޚާއްސަގޮތެއްގައި ރާއްޖޭގެ ހީވާގި ސިއްޙީ ޚިދުމަތްތެރިންނަށް މިދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަން.

    ޞިއްޙީ ކަންކަން ހަރުދަނާކުރެއްވުމުގައި އެހީތެރިވެދެއްވާ އަމިއްލަފަރާތް ތަކާއި ޖަމްޢިއްޔާ ޖަމާޢަތްތައް މި ތަހުނިޔާގައި ވަރަށް އިޚްލާޞްތެރި ކަމާއެކު ޝާމިލް ކުރަން.

    ފުރިހަމަ ޞިއްޙަތެއްގައި ލެހެއްޓެވުމަށްވުރެ ވަކިން ބޮޑު ނިޢުމަތެއް ނެތް.

    ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމަށްވުރެ ނަފާ ލިބެނިވި ގޮތެއްވެސް ނުމެ ނެތް.

    ޑޮކްޓަރެއްގެ ލަފަޔާ އިރުޝާދު ބޭނުންވާ ވަގުތުގައި ލިބެންހުރުމާ، ބޭނުންވާ ޞިއްޙީ ފަރުވާ ލިބެންހުރުމުގެ އިތުރުން ފަގީރުވުމުގެ ސަބަބުން ބޭސްފަރުވާ ނުކޮށް ހުންނަން ނުޖެހުމަކީ ޤައުމެއްގެ ރައްޔިތަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތް.

    މިފަދަ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ މާތް ﷲ ބާވައިލެއްވި އާޔަތްތަކަށް އީމާންވުންކަން ކަމާމެދަކު އެއްވެސް ޝައްކެއްނެތް.

    ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން،

    ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތަކަށްބަލާއިރު މުޅިދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ އަސާސީ ޞިއްޙީ ޚިދުމަތްތަކުން މަހުރޫމުވެފައިވާ މީހުން.

    ގާތްގަނޑަކަށް 200 މިލިއަށް އަންހެނުންނަށް އާއިލާރޭވުމުގެ ޚިދުމަތްތައް ނުލިބޭ އިރު 20 މިލިއަން ތުއްތުކުދިންނަށް ބޭނުންވާ ވެކްސިން ނުލިބޭ.

    100 މިލިއަން މީހުން ކޮންމެ އަހަރަކު، ސިއްޙީ ކަންކަމަށް ޚަރަދުކުރުމާ ގުޅިގެން އިންތިހާ ދަރަޖައިގެ ފަޤީރުންގެ ހާލަތަށް ވެއްޓޭ.

    2018 ވަނަ އަހަރުގެ ޞިއްޙަތު ދުވަސް WHO އިން ޚާއްޞަކުރަނީ ދުޅަހެއު ޞިއްޙަތެއްގައި ތިބުމަށް ބޭނުންވާ ޞިއްޙީ ޚިދުމަތް އެންމެނަށްވެސް ލިބިފައިވުމުގެ މުހިއްމު ކަމުގެ މައްޗަށް . މިއަހަރު ދުނިޔޭގެ ސިއްޙަތު ދުވަހުގެ ޝިޢާރެއްކަމުގައި ކަނޑައަޅުއްވާފައިވަނީ " ޔުނިވަރސަލް ހެލްތް ކަވަރޭޖް، އެވްރީވަން، އެވްރީ ވެއަރ.

    އާދެ! ސިއްޙަތުގެ ކައުނީ ހިޔާ؛ ކޮންމެ މީހަކަށް ކޮންމެ ތާކުން.

    ދިވެހިރާއްޖޭގައި އުފަންވާ 96 އިންސައްތަޔަށްވުރެ މަތީ ޢަދަދެއްގެ ކުދިން އުފަންވަނީ ޞިއްޙީ ޚިދުމަތްދޭ ތަނެއްގަ ޞިއްޙީ ޚިދުމަތްދޭ ފަންނުވެރިއެއްގެ ޙާޒިރުގަ. ރާއްޖޭގައި 99 އިންސައްތަ ކުދިންނަށް ނުރައްކާތެރި އެކިއެކި ބަލިތަކުން ރައްކާތެރިވުމަށް ވެކްސިންލިބޭ.

    2013 ވަނަ އަހަރު މި ޤައުމުގަ ޚިދުމަތް ދޭން ތިބި ޑޮކްޓަރުންގެ ޢަދަދަށްވުރެ 413 އިތުރު ޑޮކްޓަރުން މިއަދު ޞިއްޙީ ޚިދުމަތް ދިނުމުގައި އެބަ އުޅުއްވާ. 681 ނަރުހުން ޚިދުމަތުގައި އިތުރުވެފައިވޭ . ބަލިމީހުންނަށް ޚިދުމަތް ދިނުމަށް 382 އެނދު ވަނީ އިތުރު ކުރެވިފަ. މާތް ﷲ ސުބްޙާނަހޫވަތަޢާލާއަށް ޙަމްދުކޮށް ޝުކުރުވެރިވަން

    ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން،

    ޔުނިވަރސަލް ހެލްތް ކަވަރޭޖް ނުވަތަ ސިއްޙަތުގެ ކައުނީ ހިޔާއަކީ ޢދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ އެންމެ މުހިއްމު އެއް ބަހާ. އެއީ ހަމައެކަނި ސިއްޙީ ޚިދުމަތް ލިއްބައިދިނުން ކަށަވަރު ކޮށްދިނުމެއް ނޫން. އެކަން ގުޅިލާމެހިގެން އަންނަނީ އިންސާނުންގެ ކުރިއެރުމާ، ހަމޖެހިގެން ދުވަސްތައްވޭތުކުރެވޭފަދަ ދިރިއުޅުމެއް ހޯދައިދިނުމުގެ މުހިއްމު ބޭނުމުގެ މައްޗަށް. ފަޤީރުކަން ނައްތާލުމާއި، ހަމަހަމަކަން ޤާއިމް ކުރުމާ ، ރައްޔިތުންގެ ފުދުއްތެރިކަން އިތުރުވެ ޤައުމުގެ އިޤްތިސާދު ކުރިއެރުމަށް މުހިއްމު ވަސީލަތެއްގެ ގޮތުގަ.

    ރައީސް ޔާމީން ގެ ސަރުކާރުން ޞިއްޙީ ދާއިރާއަށް ކުރާ ޚަރަދު130 % މިވޭތުވެ ދިޔަ 4 އަހަރު އިތުރުކޮށް، ޞިއްޙީ ޚިދުމަތް ފުޅާކޮށް އިތުރުކުރީވެސް ކުރިންދެންނެވި އަސާސްގެ މައްޗަށް ރިޢާޔަތް ކޮށް. ރައްޔިތުންނަށްޓަކާ ކުރެވޭ ވެރިކަމަކުން ރައްޔިތުންނަށް އުފާ ފާގަތިކަން ގެނަސްދިނުމަށް .

    ސިއްޙީ ނިޒާމުގެ ތެރެއިން އާއްމު މީހާގެ ދިރިއުޅުމަށް އަންނަ ލުއި ނުވަތަ އައިސްފައިވައި ހެޔޮބަދަލު ތިމާގެ ވިސނުން ބަހައްޓާ ގޮތެއްގެ ސަބަބުން ބައެއްފަހަރު އެހާ ފަސޭހައިން މިނެކިރާނުލެވިދާނެ.

    ނަމަވެސް ފެންނަމަންޒަރާ، WHO ގެ ތަފާސް ހިސާބުތަކަށް ރިޢާޔަތްކޮށް ކަށަވަރުވެ ޔަޤީންވާ ކަމަކީ ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރެވިފައި މިހުރީ ރާއްޖޭގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ވީހާވެސް ފަސޭހައިން ލިބެވޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުމުގެ މިސްރާބަށްކަން.

    ކެންސަރާއި ކިޑްނީ އަދި ހިތުގެ ބަލިފަދަ ބޮޑެތި ބަލިތަކަށް ރާއްޖެއިން މިހާރު ފަރުވާ ލިބެމުންދާ ކަމީ ދިވެހިރައްޔިތުން މިކަމަށް ހެކިވާނެ އަލިގަދަ ދަލީލެއް. އަދި ރާއްޖެއިން ފަރުވާ ނުލިބޭ ބަލިތަކަށް ހުސްނުވާ އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ލިބޭ ކަމީ ރައްޔިތުން ޝުކުރުވެރިވާކަމެއް.

    އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނާ، އަންހެނުންގެ ޚާއްސަ ޑޮކްޓަރުންނާއި، އޮޕަރޭޝަން ފަދަ ޚިދުމަތްތަކާއެކު، ކިޑްނީބަލީގެ ފަރުވާ އާއި، ދަތުގެ ފަރުވާ އާއި ލޮލުގެބަލިތަކަށް ފަރުވާކުރުމުގެ ޚިދުމަތްތައް އަތޮޅުތެރޭގައި ޢާއްމު ކުރެވި ތަރައްޤީކުރެވެމުން އެބަދޭ. މިކަން ކަން ކަށަވަރުކުރުމަކީ މިއަދުގެ ސަރުކާރުގެ އެއްމެ މުހިއްމު އެއް އެޖެންޑާ.

    އަތޮޅުތެރޭގައި އެންމެ ފުރަތަމަ ޤާއިމް ކުރެވޭ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލް މިއަހަރު އައްޑު އަތޮޅުގައި ހުޅުވޭނެ. ދެމެހެއްޓެނިވި ހަރުދަނާ ޞިއްޙީ ނިޒާމެއްގެ އެންމެ މުހިއްމު އެއްބަހާ ކަމުގައިވާ އަމިއްލ ވިޔަފާރި ވެރިންގެ ބައިވެރިވުން ޞިއްޙީ ނިޒާމުގައި ފުޅާ ކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން ވަރަށް ފުރިހަމަ މަލްޓި ސްޕެޝަލިޓީ ޕްރައިވެޓް ހޮސްޕިޓަލެއް މިވަނީ ހުޅުމާލެގައި ހުޅުވި ޚިދުމަތް ދޭން ފަށާފަ.

    ދިވެހި ޑޮކްޓަރުން ބިނާކުރުމުގެ ސިޔާސަތުގެދަށުން 190 ޑޮކްޓަރުން ތަމްރީނުކުރުމަށް ވަނީ މި 4 އަހަރު ތެރޭ ފޮނުވިފަ. އެއީ ސްޕެޝަލައިޒް ވުމަށް ފޮނުވުނު 52 ޑޮކްޓަރުންނާ އެމް ބީ ބީ އެސް އަށް ފޮނުވުނު 138 ދަރިވަރުން.

    ސިއްޙީ ޚިދުމަތްތައް ފުޅާވެގެންދާއިރު، ބޭރުގެ ޤައުމުތަކަށް ބަރޯސާވުން އިތުރުވަމުންދާ ދިއުން ކުޑަކުރުމަށްޓަކައި ، މިދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ މުހިއްމުކަން ވަނީ އިތުރުވެފަ . ވުމާ އެކު ރާއްޖޭގައި ނަރުހުން އަދި ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް އިތުރުކުރެވި، މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމް ވަނީ ފެށިފައި. އަދި މީހުން ތަމްރީނުކުރުމަށްޓަކައި އަޅުގަނޑުމެން މިސްރާބު ޖަހާފައި މިވަނީ މެޑިކަލް ކޮލެޖެއް ޤާއިމުކުރުމަށް. އުއްމީދަކީ އެ ކޮލެޖްގައި މިއަހަރު ކިޔަވައިދެން ފެށުން.

    ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން،

    ޞިއްޙީ ޚިދުމަތް މިއަދު އޮތް ޙާލަތުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިތުރު ގިނަ ގުނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ބަލިމީހުންގެ ޙައްޤުތައް މިހާރަށްވުރެ ބޮޑަށް ރައްކާތެރި ކުރެވުމާ އެކު ޞިއްޙީ ޚިދުމަތްތެރިންގެ ޙައްޤުތައްވެސް ޙިމާޔަތް ކުރުމަށް އިތުރު މަސައކަތްތަކެއް ކުރެވެން އެބަޖެހޭ. އެކަންކަން ޙާޞިލް ކުރުމުގެ މަސައްކަތްތައް މިދަނީ ކުރަމުން. މި މަޤްސަދުގައި ނޭޝަނަލް ކޮލިޓީ ފްރޭމްވޯރކް ތައްޔާރުކުރެވ ބަލި ބައްޔަށް އެކަށީގެންވާގޮތެއްގައި ފަރުވާކުރާނެ ގައިޑްލައިން ތައްޔާރުކުރެވި، މިހާރު ދަނީ ތަންފީޒުކުރެވެމުން. އަދި ރާއްޖޭގައި ޚިދުމަތްދޭ ޑޮކްޓަރުންނާއި ނަރުހުންގެ ފެންވަރުބެލުމުގެ ޓެސްޓްތައް ވަނީ ޤާއިމުކުރެވިފައި.

    ދިވެހިރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ، މިއަދަށްވުރެ ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ނަޞީބު ލިބިފައިވާ ބަޔަކަށް ވުމަށްޓަކައި ، ޤައުމުގެ ތަރައްޤީއަށް ބައްޓަންކުރެވޭ ހުރިހާ ސިޔާސަތެއްގައި ސިއްޙަތުގެ ކަންކަން ހިމަނަންޖެހޭ. ޞިއްޙަތުގެ ކަންކަމަކީ އެންމެންގެވެސް އެއބާރުލުން ލިބޭ ކަންކަމަށް ވާންޖެހޭ. އަދި ސަރުކާރާއި، އަމިއްލަ މުއައްސަސާތަކާއި، ޖަމްޢިއްޔާ ޖަމާއަތްތައް އެކުއެކީގައި އެއްސަފުގައި މަސައްކަތްކުރުން މުހިއްމު. ފަރުދީ ޒިންމާ އުފުލުމާއެކު ދުޅަހެއު ޞިއްޙަތެއް ހޯދުމަށް މަސައްކަތްކުރުމުގެ ޖޯޝް އާލާ ކުރަންޖެހޭ.

    ބަލިވީމަ އެބަލިން ރައްކާތެރިވުމަށް ބޭސްފަރުވާ ލިބިދިނުމުގެ ޙައްޤުގެ ވާހަކަ ދައްކާފަދައިން ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި އަމިއްލަ ފަރުދުންނާ ޢާއިލަތަކުން އުފުލަންޖެހޭ ޒިންމާގެ މަތިންވެސް ހަނދާންކޮށް އެ ޒިންމާ ނަގަންޖެހޭ.

    ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވެ ތިބުމުގައި ގިނަގުނަ ކާމިޔާބީތަކެއް ހޯދިފައިވާއިރު ، ދިރިއުޅުމުގެ ވައްޓަފާޅީއާ ގުޅިންހުރި ބަލިތަކުގެ ބިރުވެރިކަމުގެ ރަނގަބީލް މިވަނީ ޖަހަން ފަށާފަ. ގައިން ގަޔަށް ނާރާ ބަލިތަކުން ސަލާތްވެ ތިބުމުގަ ފަރުދީ ޒިންމާ ވަރަށް ވެސް ބޮޑު.

    ބޭސްކުރުމަށް ކުރަންޖެހޭ ޚަރަދު އިތުރުކޮށް ، ބަލިތަކުން ރައްކާތެރި ވުމަށް ދޭ ސަމާލުކަން ނުދެވޭނަމަ އަޅުގަނޑުމެން ނާ ކުރިމަތި ވާނެ ސުވާލަކީ ބަލި އާބާދީއަކަށް ޚަރަދުކޮށް އޮންނަ އަދި އެކަމުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް އެތައް ހުރަހެއް އެޅިފައިވާ ރައްޔިތެއް އުޅޭ ޤައުމެއްގެ ގޮތުގައި އޮންނާނީ ތޯ ކުރެވޭ ސުވާލު.

    މިފަދަ ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޤައުމު ނުލައްވާށި.

    ރައްޔިތުންގެ ޞިއްޙީކަންކަން ރަނގަޅު ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރާ ސަރުކާރެއްގެ ހިޔަލުގައި އަބަދުވެސް ދެމިތިބޭނެ ބަޔަކު ކަމުގައި މި ޤައުމު ލައްވައި ފުރިހަމަ ޞިއްޙަތަކަށް މުޅި ޤައުމު އެކުގައި މަސައްކަތް ކުރާ ބަޔަކު ކަމުގައި ލެހެއްޓެވުން އެދި ދުޢާކުރަން.

    ވައްސަލާމް އަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.